ދ. ވާނީގައި ހުންނަ ފުލުހުންގެ ތަމްރީނު ސެންޓަރުގައި ތަމްރީނުތަކެއް ހަދަން ހުއްޓާ ހާލު ދެރަވެގެން މާލެ ގެނައި ޕޮލިސް ކޮންސްޓަބަލް ހުސެއިން ގައިސް، 34، މަރުވެެއްޖެ އެވެ.
މި މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އޭނާއަކީ ފުލުހަށް ވަނުމުގެ ކުރިން ހަދާ އިނީޝިއަލް ޓްރެއިނިން ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭނާ މަރުވީ ހާލު ދެރަވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
ގައިސް މަރުވުމުން، ފުލުހުން ވަނީ މަރުހޫމްގެ އާއިލާއަށާއި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތައުޒިޔާ ކިޔާފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ވާނީގައި ހުންނަ މެޑިކަލް ރޫމަށް ގައިސް ގެންދިޔައީ އާދިއްތަ ދުވަހުގެ ފަތިތހުގެ ވަގުތެއްގަ އެވެ. އޭނާއަށް އެ ދުވަހު އަވަސް ފަރުވާ ދޭން ފެށީ ފަތިހު ދަރިވަރުންނަށް ގޮވަމުން ދިޔައިރު އެއްވެސް ހަބަރެއް ނުވެގެންނެވެ.
ދެން ގައިސް ގެންދިޔައީ ދ. އަތޮޅު ހޮސްޕިޓަލަށެވެ. އެއީ އެ ދުވަހުގެ ފަތިހު 4:48 ހާއިރުގަ އެވެ. އޭނާ މާލެ ގެނައީ އެ ދުވަހު މެންދުރު 13:22 ގަ އެވެ. އޭރު ވެސް އޭނާގެ ހާލު ވަރަށް ނާޒުކު ކަމަށާއި ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.